އޭޑްސް (އިނގިރޭސި ބަހުން: AIDS) ބައްޔަކީ އެޗް އައި ވީ ވައިރަސް ގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ.
މިބައްޔަށް އަދި މިހާތަނަށްވަނީ ފަރުވާއެއް ނުހޯދިފައެވެ. އިންސާނީ ތާރީޚް މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ވަބާގެ ގޮތުގައި ސިފަކުރެވޭ މިބަލީގެ އާޚިރު ނަތީޖާ އަކީ މަރުވުމެވެ.
އެޗްއައިވީ އަކީ އިންސާނާގެ ހަށިގަނޑުގެ ދިފާޢީ ބާރު އެވައިރަސްގެ ސަބަބުން ދަށްކޮށްލާ ނުވަތަ ނައްތާލާ ވައިރަސް އެކެވެ. މީގެ ސަބަބުން އެކިއެކި ޖަރާސީމްގެ ސަބަބުން ޖެހޭ ބަލިތަކުން ދިފާޢުނުވެ، ބަލި ހަށިގަނޑުގައި ފެތުރެމުންދެއެވެ. އެއިޑްސް ޖައްސާ ވައިރަސް އެޗްއައިވީ ހަށިގަނޑުގެ ތެރެއަށް ވަނުމަށްފަހު ދެހަފްތާއާއި ބާރަ ހަފްތާއާއި ދޭތެރޭގައި ލޭޓެސްޓްކުރުމުން އެޗްއައިވީގެ އެންޓިބޮޑީޒް ހަށިގަނޑުގެ ތެރެއިން ފެނިއްޖެނަމަ އެއިން އަންގައިދެނީ އެމީހަކު އެހެރީ އެޗްއައިވީ ނުވަތަ އެއިޑްސް ޖައްސާ ވައިރަސް އާއި ތަޣައްޔަރުވެ އިންފެކްޓްވެފައި ކަމެވެ.
އޭޑްސް ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަންނަނީ ހަންގަނޑާއި، ތެތް ދުލިފަށް އަދި މާބަނޑު މީހާގެ ބަނޑުގައިވާ މަސް ހުރަސް ކޮށެވެ.އެކަކު ގައިން އަނެކަކު ގަޔަށް އާންމު ގޮތެއްގައި އެޗްއައިވީ އަރަނީ ހަށިގަނޑުގެ ދިޔައިންނެވެ. ބަލި ޖައްސާ ވައިރަސް އަންހެނާގެ ކުރިމަތި ފަރާތުން ބޭރުވާ ދިޔަ، މަނި، ކުޅު، ލޭ، ކަރުނަ، ކުޑަކަމުދާ ތަކެތި، ކިރު އަދި ހަށިގަނޑުން ބޭރުވާ އެހެން ދިޔައިގެ ތެރޭގައި ވެސް ހުރެއެވެ. އާންމު ގޮތެއްގައި މިބަލި ފެތުރެނީ އަންހެނާގެ ކުރިމަތި ފަރާތުން ބޭރުވާ ދިޔަ ނުވަތަ ތެތްކަން،މައިމީހާގެ ގާތުންދޭ ކިރު، މަނި، އަދި ލޭގެ ޒަރީޢާ އިންނެވެ. މިއީ އެއިޑްސް ޖެހުމަށް މެދުވެރިވާ ސަބަބުތަކެވެ.
އެޗްއައިވީ ވައިރަސް ހަމަލާދެނީ ލޭގެ ހުދު ސެލް ގެ ވައްތަރެއް ކަމުގައިވާ ޓީ ލިމްފަސައިޓް، ގެ ވަކިވައްތަރު ތަކުގެ ތެރެއިން ހެލްޕަރ ޓީ ސެލް، އަށެވެ. މިބުނި ސެލްއާއި މެދު ބެލެވިފައިވަނީ ދިފާޢީ ނިޒާމްގެ ގިނަ ސެލްތަކެއްގެ ވަޒީފާ ކޮންޓްރޯލްކުރާ މޭސްތިރި ކަމުގައެވެ. އެޗްއައިވީ ވައިރަސް ތަތްވަނީ މިބުނި ސެލްގެ ސަތަޙައިގައިވާ ސީޑީ4 އޭ ކިޔޭ މޮލިކިއުލް ތަކާއެވެ. މިމޮލިކިއުލް ތަކަކީ ވައިރަސްގައި އެކުލެވޭ ގްލައިކޯ ޕްރޮޓީން ތަކަށް ހުންނަ ރިސެޕްޓަރ ތަކެކެވެ. މިބުނި ސެލް ވައިރަސް އާއި ތަޣައްޔަރުވުމުން އެތައް ގްލައިކޯ ޕްރޮޓީން ތަކެއް ސެލްއާއި ތަތްވެ، އެސެލްގެ ވަށައިގެންވާ ސެލްތައް ވައިރަސް އާއި ތަޣައްޔަރު ކުރުވައި، ސެލްތައް އެއްވެގެން ދެއެވެ.
އެއަށްފަހު އެއްވެގެންދިޔަ ސެލްތައް ބައިބައިވެ ފުނޑުފުނޑުވެގެން ދެއެވެ. އެއާއި ގުޅިގެން ހެލްޕަރ ޓީ ސެލް ތަކުގެ މިންވަރު މަދުވެ، ދިފާޢީ ބާރު ވެސް ކުޑަކޮށްލައެވެ. މިގޮތަށް ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެގެންދާ ހިނދު ބައެއް ކަހަލަ ބަލިތަކާއި، އިންފެކްޝަންތަކަށް، އަދި ކެންސަރުގެ ބާވަތްތަކަށް ހަށިގަނޑު ހުށަހެޅި އާޚިރު ނަތީޖާއެއްގެ ގޮތުން މަރުވެދެއެވެ.
އެޗްއައިވީ ވައިރަސް އަށް ހިމޭންކަމާއެކު ދެމިހުރުމުގެ ކުޅަދާނަކަން ލިބިގެން ވެއެވެ. މިގޮތުން މިވައިރަސް ހިމޭންކަންމަތީ ލޭގެ ހުދު ސެލް ގެ ވައްތަރު ތަކުގެ ތެރެއިން ލިމްފަސައިޓް އަދި މޮނަސައިޓް ތަކުގެ ތެރޭގައި ދެމިހުރެއެވެ. ބަލީގެ ނުރައްކާތެރި ޢަލާމާތްތައް ފެންނަނީ ފުރަތަމަ ވައިރަސް ހަށިގަނޑަށް ވަންނަތާ 7 އަހަރު ވަރު ފަހުންނެވެ. އެއީ ކުރިން ބަޔާންކުރެވުނު ހިމޭންކަންމަތީ ހުރި ވައިރަސްތައް މުރާލިވެ، ހަރަކާތްތެރިވާން ފެށުމުންނެވެ. މިބުނިގޮތަށް ވައިރަސް މުރާލިވެ ހަރަކާތްތެރިވާން ފަށަނީ ބައެއް ކަހަލަ އިންފެކްޝަންތަކަށް ހަށިގަނޑު ހުށަހެޅޭ ހިނދުގައެވެ. މިސާލަކަށް އެޕްސްޓޭންބަރ ވައިރަސް، ހެޕަޓައިޓިސްބީ ވައިރަސް، ހާރޕީޒް ސިމްޕްލެކްސް ވައިރަސް، ސައިޓޯމެގާލޯ ވައިރަސް، ސިފިލިސް، ކިހުނުވުން އަދި މިނޫނަސް ތަފާތު އިންފެކްޝަންތަކަށް ހަށިގަނޑު ހުށަހެޅޭ ހިނދުގައެވެ.
މިބަލީގައި ފެންނަ އަލާމާތްތައް 3 މަރުޙަލާ އަކަށް ބަހާލެވިދާނެ އެވެ.
ހުންއައުން، ގައިގައި ރިހުން، ބޮލުގައި ރިހުން، ހޮނޑުލުން، ބޭރަށް ހިންގުން، ކަރުތެރެ ފާރުވުން، އަދި ގޮށްލުމާއި ބިހިނެގުން ފަދަ ކަންތައް ފެންމަތިވާނެއެވެ.
ދިގު މުއްދަތަކަށް ދެމިގެންދާ ގާތްގަނޑަށް 2 މަހުން ފެށިގެން 7 އަހަރު ދުވަހުގެ މުއްދަތާއި ދެމެދުގެ މިންވަރަކަށް ދެމިގެން ގޮސްދާނެ މިމަރުހަލާގައި އެއްވެސް ޢަލާމާތެއް ނުފެންނާނެ އެވެ. އެއީ ހަށިގަނޑުގައި އިންފެކްޝަން އާއި، ދިފާޢީ ނިޒާމް އެއް ހަމައެއްގައި ހިފެހެއްޓިފައި ހުންނާތީ އެވެ.
މިއީ ދިފާޢީ ނިޒާމަށް ކޮންޓްރޯލް ނުކުރެވޭ ވަރަށް ހަށިގަނޑުގައި ވައިރަސްތައް ގިނަވެ އިތުރުވުމުން ކުރިމަތިވާ ކަމެކެވެ. މިގޮތުން އުކުޅުވަޅާއި، ކިހިލިފަތްދޮށް ފަދަ ހިސާބުތަކުގައި ގޮށްލުން ކުރިމަތި ކުރުވައެވެ.
މިމަރުހަލާގައި ދިފާޢީ ނިޒާމްގެ މަސައްކަތް ފޭލްވެ، އެކި ބަލިތަކާއި، ކެންސަރުގެ ބާވަތްތަކަށް މަގުފަހިވެ، ހަށިގަނޑު ހުށަހެޅިގެން ދެއެވެ. މިގޮތުން ކެއްސުން، ހުންއައުން، ދިގުމުއްދަތަކަށް ބޭރަށް ހިންގުން، އާދައިގެ ބަލިތައް ކުރިމަތިވެ، ރަގަޅުނުވެ ގިނަ ދުވަސްވުން، ހަށިގަނޑުގައި އުފެދޭ ފާރުކޮޅު ރަގަޅުނުވެ ގިނަ ދުވަސްވުން، ހަށިގަނޑުގެ ބަރުދަން ލުއިވެ، އަނަރޫފަވުން، އަދި ހުން ކޮއްޓާއި، މޭގަނޑު ބޮޑުވުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ.
ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ ބާރު ދަށްވުމުން ކުރިމަތިވެދާނެ ބަލިތަކުގެ ތެރޭގައި، އެކި ވައްތަރުގެ ބޭރަށް ހިންގުން، ކެއްސުން ބަލި، ހޯއްގޮއްވާ ކެއްސުން، އަރިދަފުސް ރޯގާ، ޝިގެއްލާޖެހުން، ފުރަމޭ ދުޅަވުން، އަދި ގޮހޮރު ހަލާކުވުން، އަދި ހަމުގެ ބަލިތަކާއި މިނޫނަސް އެތައް ބަލިތަކެއް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ތަޙައްމަލު ކުރަން އުދަގޫ އެތައް ކަމެއް ފެންމަތިވެގެން ދެއެވެ.
އެޗް.އައި.ވީ/އެއިޑްސް ރިސޯސަސް:
|}
This article uses material from the Wikipedia ދިވެހިބަސް article އެއިޑްސް ބަލި, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.