ކެއްސުން ބަލި (އިނގިރޭސި ބަހުން: Tuberclosis) އަކީ ޖަރާސީމަކުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ.
ދިވެހިންގެ ތެރޭގައި ޓީބީ އަށް ކެއްސުން ބަލި މިނަމުން ވެސް މުޚާތަބު ކުރެވެއެވެ.
ޓީބީ ޖެހެނީ މައިކޮބެކްޓީރިއަމް ޓޫބާކްލޯސިސް(އިނގިރޭސި ބަހުން: Mycobacterium Tuberclosis) އޭ ކިޔޭ ޖަރާސީމެއްގެ ސަބަބުންނެވެ. ޓީބީ ޖެހެނީ ބަލިޖެހިފައިވާ މީހަކު ކެއްސުން، ކިބިހި އެޅުން، ނޭވާލުން، ކުޅުޖެހުން، ވާހަކަ ދެއްކުން، ލަވަކިޔުން، ހުނުން، ފަދަ ކަންތައް ފުރިހަމަ ކުރުމުގެ ތެރޭގައި ޓީބީ ޖައްސާ ޖަރާސީމް ވައިގެ ތެރެއަށް ވާޞިލްވެ، އެއަށްފަހު ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ނޭވާލުމުގެ ޒަރީޢާއިން މިޖަރާސީމް ވާޞިލްވެއްޖެ ނަމައެވެ. ޢާންމު ގޮތެއްގައި ޓީބީ ޖެހެނީ ފުއްޕާމެޔަށް ކަމުގައި ވިޔަސް ހަށިގަނޑުގެ އެހެން ބައިތަކަށް ވެސް ޓީބީ ޖެހެއެވެ. ޢާންމު ގޮތެއްގައި ގައިން ގަޔަށް އެރުމުގެ ފުރުޞަތު ބޮޑީ ފުއްޕާމެޔަށް ޖެހޭ ޓީބީގައެވެ.
މިބަލި ފުއްޕާމޭގެ އިތުރުން ގޮށްތައް، ހުޅުތައް، ކުޑަކަމުދާ ނިޒާމް، ނާރުތަކުގެ ނިޒާމް އަދި ގޮހޮރު އަށް ވެސް ޖެހެއެވެ.
ޓީބީގެ މައިގަނޑު ދެވައްތަރެއް ވެއެވެ. އެއީ މައިތިރި ކެއްސުން ބަލި(އިނގިރޭސި ބަހުން: Latent Tuberclosis) އަދި ހަރަކާތްތެރި ކެއްސުން ބަލި(އިނގިރޭސި ބަހުން: Actcive Tuberclosis) އެވެ.
މައިތިރި ކެއްސުން ބަލި މާނައަކީ ހަށިގަނޑުގައި ޓީބީ ޖައްސާ ޖަރާސީމް ހުރެ އޭގެ ޢަލާމާތްތައް ނުފެނުމެވެ. އަދި އެހެންމީހުންނަށް އެމީހާގެ ފަރާތުން ކެއްސުން ބަލި ނުފެތުރުމެވެ. މިހާލަތުގައި ކެއްސުން ބަލި ޖައްސާ ޖަރާސީމް ހަށިގަނޑުގައި ހުރީ މައިތިރި ކަންމަތީ ފޮރުވިފައިވާ ޙާލަތެއްގައެވެ. މިގޮތަށްވަނިކޮށް ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެއްޖެނަމަ ޖަރާސީމްތައް ހަރަކާތްތެރިވެ އެކްޓިވް ޓީބީ ގެ ޙާލަތަށް ބަދަލު ވެއެވެ. މާނައަކީ ޓީބީ ހަށިގަނޑުގައި ފެތުރެމުން ދިއުމެވެ. އަދި އެހެންމީހުންނަށް އެމީހެއްގެ ކިބައިން ޓީބީ ޖެހޭގޮތް ވެއެވެ.
ހަރަކާތްތެރި ކެއްސުން ބަލީގެ ކެއްސުން ބަލި ހަށިގަނޑުގައި ފެތުރެމުން ދިއުމެވެ. އަދި އެހެން މީހުންނަށް އެމީހެއްގެ ކިބައިން ކެއްސުން ބަލި ޖެހޭގޮތް ވެއެވެ.
ޓީބީ ޖެހުމުން ފެނިދާނެ ޢަލާމާތްތަކުގެ ތެރޭގައި ދިގު މުއްދަތަކަށް ކެއްސުން، ރޭގަނޑު ހުން އަައިސް ދާހިއްލުން، ވަރުބަލިވެ ވަރުދެރަވުން، ކާހިތް ނުވުން، ބަރުދަން ލުއިވުން، ވިންދު ޖެހުން އަވަސްވުން، ނޭވާ ކުރުވުން، ކަރުގައި ގޮށްލުން، އަދި މޭގައި ރިހުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ކެއްސުމާއެކު ގަނޑުގަނޑަށް ހުންނަ އަރިދަފުސް ނުވަތަ ދަވަ ބޭރުވެ، ބައެއް ފަހަރު އަރިދަފުހާއި އެކު ލޭ އަންނަގޮތް ވެއެވެ.
ފުއްޕާމޭ އަކީ އެންމެ އަވަހަށް ކެއްސުން ބަލީގެ ޖަރާސީމް އަށަގަންނަ ތަނެވެ. ހަށިގަނޑަށް ބަލީގެ ޖަރާސީމް ވާޞިލް ވުމުން ފަސޭހަ ކަމާއެކު ހަށިގަނޑުގެ ތެރޭގައި ފެތުރިގެން ދެއެވެ. ފުއްޕާމޭ އިން ފެންނަ ކެއްސުން ބަލީގެ އެންމެ އާންމު އަލާމާތްތަކަކީ:-
މިސާލަކަށް ކެއްސުން ބަލި ޖެހިފައިވާ މީހަކާއި އެއްގެއްގައި އުޅޭ ނަމަވެސް ސަލާމަތުން ހުރި މީހާގެ ގަޔަށް ކެއްސުން ބަލި ވާޞިލްވެދާނެއެވެ. އެއީ އެފަދަ މީހުން ކެއްސައި ކިނބިއެޅުމުގެ ތެރޭގައި، ސަލާމަތުން ހުރިމީހާގެ ހަށިގަނޑަށް ކެއްސުން ބަލި ޖައްސާ ޖަރާސީމް ވާޞިލްވެދާނެތީއެވެ.
މިގޮތުން ޑޮކްޓަރުންނާއި، ނަރުހުން، އަދި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ބައެއް ފަހަރު ބަލިމީހާގެ ފުށުން ކެއްސުން ބަލި ވާޞިލްވާގޮތް ވެއެވެ.
މިފަދަ ތަނެއްގައި އުޅޭއިރު ކެއްސުން ބަލި ޖެހިފައިވާ މީހަކު އުޅޭނަމަ އެފަދަ މީހެއްގެ ކިބައިން ދެން ތިބި މީހުންގެ ގަޔަށް ވަރަށް ފަސޭހަ ކަމާއެކު ކެއްސުން ބަލި ވާޞިލް ވާގޮތް ވެއެވެ. މިސާލަކަށް ޖަލުތަކާއި ހޮސްޕިޓަލް، ސުކޫލް މަދަރުސާ ފަދަ މީހުން އެއްވާތަންތަން ފާހަގަ ކުރެވެއެވެ.
އާންމު ޞިއްޙަތަށް ފަރުވާ ކުޑަކުރުމަކީ ވަރަށް ގިނަ ބަލިތަކަށ ހުށަހެޅޭނެ ކަމެކެވެ.
މަސްތުވާ ތަކެއްޗާއި ބަނގުއާވި ބޭނުންކުރުމުން ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ މަސައްކަތް ދަށްވެ ފަސޭހަ ކަމާއެކު ބަލިތަކަށް މީހާ ހުށަހެޅެއެވެ.
ހަރަކާތްތެރި ކެއްސުން ބަލި ގެ އަސަރު ހުރިކަން ދެނެގަންނަނީ ކެއްސުން ބައްޔާއި ގުޅިގެން ކުރިމަތިވާ އަލާމާތްތަކުންނާއި، އަދި ބައްޔާއި ގުޅިގެން ޑަކްޓަރުން ހަށިގަނޑު ބަލާ ބެލުންތަކުންނެވެ. މައިތިރި ކެއްސުން ބަލި ޖެހިފައިވާކަން އެނގެނީ ޓޫބާކިއުލިން ސްކިން ޓެސްޓު އޭ ކިޔާ ހަމުގެ ޓެސްޓަކަށް، ނުވަތަ ލޭގެ ޓެސްޓުތައް ކެއްސުން ބައްޔަށް ޕޮޒިޓިވްކޮށް ދެއްކުމުންނެވެ. ހަރަކާތްތެރި ކެއްސުން ބަލި ޖެހިފައިވާކަން އެނގެނީ ކުޅާއި އަރިދަފުސް ތަކެތި ޓެސްޓު ކުރުމުގެ ތެރޭގައި އޭގައި ކެއްސުން ބަލި ޖައްސާ ޖަރާސީމް ފެނުމުންނެވެ. ބައެއް ފަހަރު ކެއްސުން ބަލީގެ އަސަރު ފުއްޕާމޭ ގައި ހުރިތޯ ބެލުމަށް މޭގެ އެކްސްރޭ ނަގަން ޖެހެއެވެ.
ފުއްޕާމޭ ނޫން އެހެން ބައިތަކަށް ޖެހޭ ކެއްސުން ބަލި ދެނެގަތުމަށްޓަކައި އަންނަނިވި ކަންތައްތައް ކުރަން ޖެހެއެވެ.
ކެއްސުން ބަލި ޖެހިފައިހުރިތޯ ބަލައި ދެނެގަތުމަށް އަންނަނިވި ކަންތައް ކުރެވެއެވެ.
ކެއްސުން ބައްޔަށް ފަރުވާ ލިބިގަންނަމުންދާ ދުވަސްވަރު ، ކުޅު ، އަރިދަފުސް މަހަކު 1 ފަހަރު ނުވަތަ އެއަށްވުރެ ގިނައިން ވެސް ޓެސްޓު ކުރެވެއެވެ. މީގެ ބޭނުމަކީ ކެއްސުން ބައްޔަށް ފަރުވާގެ ގޮތުގައި ބޭނުންކުރަމުންދާ ބޭސްތަކުން މަންފާއެއް ކުރޭތޯ ނުވަތަ ނުކުރޭތޯ ޔަގީން ކުރުމެވެ. ފަރުވާކޮށް ނިމެން ކައިރިވުމުން ފުއްޕާމޭގެ އެކްސްރޭ ބައެއް ފަހަރު ނެގެއެވެ. އޭގެ ބޭނުމަކީ މުސްތަގުބަލްގައި އެފަދަ ކަމެއްވިޔަސް އަޅާކިޔުމަށްޓަކައި އެކްސްރޭ އެއް ނަގައިފައި ބޭއްވުމެވެ.
ކެއްސުން ބައްޔާއި ގުޅިގެން ދެވޭ ބޭސްތަކުން ހަށިގަނޑަށް ނުރައްކާތެރި އަސަރެއް ކުރޭތޯ ބެލުމަށްވެސް މިދުވަސްވަރު ބައެއް ކަހަލަ ޓެސްޓް ކުރެވެއެވެ. މިގޮތުން ފުރަމޭގެ މަސައްކަތް ހުރިނެތްގޮތް ބެލުމަށް ހެދޭ ޓެސްޓުތައް، ލޮލުގެ ޓެސްޓުތައް، އަދި އަޑުއެހުމުގެ ޓެސްޓުތައް، ހެދެއެވެ. އެއީ ބޭނުންކުރެވޭ ބޭހުގެ ސަބަބުން ފުރަމޭ، ލޯ އަދި ކަންފަތް ފަދަ ގުނަވަނަކަށް ގެއްލުމެއް ނުވަތަ ނޭދެވޭ އަސަރެއް ކޮށްފައި ހުރިތޯ ބެލުމެވެ.
ފުއްޕާމޭ ނުވަތަ އެހެން ހިސާބަކަށް ވެސް އެކްޓިވް ޓީބީ ކުރިމަތިވެފައިވާނަމަ، އޭގެ ފަރުވާގެ ގޮތުގައި އާންމު ގޮތެއްގައި ތަފާތު 4 އެންޓިބަޔޮޓިކެއް ބޭނުންކޮށް އުޅެއެވެ. އެންޓިބަޔޮޓިކް އަކީ ތަފާތު ވައްތަރު ގެ ބެކްޓީރިޔާ ފަދަ ޖަރާސީމްތައް މަރާލައި ނައްތާލާ އެއްޗެކެވެ.
މައިތިރި ކެއްސުން ބަލި(އިނގިރޭސި ބަހުން: Latent Tuberclosis) އަށް ފަރުވާގެ ގޮތުގައި އައިސޯނިއެޒައިޑް 9 މަސް ދުވަސް ވަންދެން، ނުވަތަ ރިފަމްޕިސިން 4 ނުވަތަ 6 މަސް ދުވަސް ވަންދެން ނަގަން ޖެހެއެވެ. މިކަމުގެ ސަބަބުން ހަރަކާތްތެރި ކެއްސުން ބަލި(އިނގިރޭސި ބަހުން: Active Tuberclosis) އަށް އިންފެކްޝަން ބަދަލުވުން ކުޑަކޮށްދީ، އެކަމުން ހިމާޔަތްކޮށް ރައްކާތެރިކޮށްދެއެވެ.
ހަރަކާތްތެރި ކެއްސުން ބަލި އަށް 6 މަސް ދުވަސް ވަންދެން ފަރުވާ ކުރަންޖެހެއެވެ. ބައެއް ފަހަރު 6 މަސް ދުވަސް ފަހުން އަނެއްކާ ކެއްސުން ބަލީގެ ޓެސްޓު ހަދާއިރު ޕޮޒިޓިވް ކަމަށް ދައްކައިފިނަމަ މިމުއްދަތު 8 ނުވަތަ 9 މަސް ދުވަހަށް އިތުރުކުރަން ޖެހެއެވެ. އެންމެ އާންމުކޮށް ދެވޭ ބޭސް ތަކަކީ:-
އަދި އަންނަނިވި ބޭސްތައް ބައެއް ފަހަރު ދީއުޅެއެވެ.
ކެއްސުން ބައްޔަށް ފަރުވާ ލިބިގަންނައިރު ވިސްނަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ ބަރާބަރަށް ގަޑިން ގަޑިއަށް ބޭސްތައް ބޭނުންކުރުމެވެ. ބޭސްތައް ބޭނުންކުރަން ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން ބޭސްތައް ބޭނުންކުރުން ހުއްޓާލައިފިނަމަ، ބައެއް ފަހަރު ފަރުވާ ލިބިގަންނަންޖެހޭ މުއްދަތު އިތުރުވެ، އަދި އަލުން ފަރުވާ ކުރަން ފަށަން ޖެހިދާނެއެވެ. މާނައަކީ އަލުން އާފެށުމަކުން ފަށަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ހަރަކާތްތެރި ކެއްސުން ބައްޔަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ނުދެވިއްޖެނަމަ ފުއްޕާމޭ އަދި އެހެން ގުނަވަންތަކަށް ކެއްސުން ބަލީގެ އަސަރު ފޯރައި، އާޚިރު ނަތީޖާއެއްގެ ގޮތުން މަރާއި ކުރިމަތިލާން ޖެހިދާނެއެވެ.
ސީދާ ބެލުމުގެ ދަށުން ދެވޭ ފަރުވާ ނުވަތަ ޑޮޓްސް އަކީ ކެއްސުން ބަލި ރަގަޅުކުރެވޭނެ އެންމެ ރަގަޅު އަދި އެންމެ ފަސޭހަ ގޮތެވެ.
This article uses material from the Wikipedia ދިވެހިބަސް article ކެއްސުން ބަލި, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.