މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ އަކީ އާބާދީގައި 1393 މީހުން ދިރިއުޅޭ ރަށެކެވެ.
މީގެތެރެއިން 702 މީހުންނަކީ އަންހެނުން އަދި 691 މީހުންނަކީ ފިރިހެނުންނެވެ. ރަށުގެ އާބާދީގެ 904 މީހުންނަކީ 18 އަހަރުން މަތީމީހުންނެވެ. މިރަށުން ޕްރީސްކޫލާއި ޕްރައިމަރީއާއި ސެކަންޑްރީ އަދި ސާނަވީ ތަޢުލީމު ފުރުސަތު ލިބޭނެއެވެ. ޕްރީސްކޫލުކުދިންގެ އަދަދަކީ 63 އެވެ. ޕްރައިމަރީއާއި ސެކަންޑްރީ ތަޢުލީމު މިވަގުތު ހޯދާ ދަރިވަރުންގެ އަދަދަކީ 151 ، އަދި ސާނަވީ ކުދިންގެ އަދަދަކީ 81 އެވެ. މިރަށުގައި މީހުން ދިރިއުޅެނީ 176 ގޭގައެވެ.
މި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މީހުންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ. ޒަމާނުއްސުރެ މިލަދޫ އަކީ އެކުވެރި އެއްބައިވަންތަ ބައެއް އުޅޭ ރަށެކެވެ.
އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ.
މިރަށަކީ މިލަދުންމަޑުލު އެރަށަކަށް ނިސްބަތްކުރެވޭ ރަށެވެ. ރާއްޖޭގެ ވަރަށް ޤަދީމީ ރަށެކެވެ. މިރަށުގައިވެސް “ރެދިންގެ ގާފުނި” ކިޔާތަނެއް ހުއްޓެވެ. އެތަނުން އެކި ބޭނުމުގައި ގާ ނަގަނިކޮށް ގަލޮޅުގޭ އަލްފާޟިލް ޢަބްދުލް ޢަޒީޒްގެ އަތޮޅުވެރިކަމުގައި ހިރިގަލު ފޮށްޓެއްގެ ތެރޭގައި “ރަނުން ހަދާފައިއޮތް ހާލެއް” އޮތްވާފެނިގެން އެ ހާ މާލެ ގެނެވުނެވެ. އެ އުސްގަނޑު މަތީގައި ހުރި ބޮޑު ނިކަގަހެއް 1987މ ވަނައަހަރު ފުރޮޅާލައިގެން ވެއްޓުނުއިރު އިމާރާތްތަކެއްގެ ހުރަސްފާރާއި ދިގުފާރުފެނިފައި ވަނިކޮށް އެދުވަސްވަރު އެރަށަށް އެރި އުދައެއްގެ ސަބަބުން ގަސްވެއްޓުނުދިމާ ގޮނޑުދޮށް ގިރައިގެން ދިޔުމުން އެފާރުތައް ވަރަށް ރަނގަޅަށް ފެނިގެންދިޔައެވެ. އެއިރު ޤައުމީ މަރުކަޒުގެ ޓީމެއް ލަންދޫގައި މަސައްކަތްކުރަމުން ދިޔައެވެ. އެ ޚަބަރު ލިބިގެން އެޓީމުގެ މެމްބަރުން މިލަދުއަށްގޮސް ބެލިބެލުމުގައި މިލަދޫގައިވެސް މޮނާސްޓްރީއެއް ހުރިކަން އެނގުނެވެ. އެ މޮނާސްޓްރީ ތަޅާލުމަށްފަހު އެރަށުގައި ޢިމާރާތްކުރެވުނު ކުޑަމިސްކިތްވެސް ހުރިކަން ފާހަގަކުރަމެވެ. މިއީ ވަރަށް ޤަދީމީ އާސާރީ މިސްކިތެއްކަން ޔަޤީނެވެ. (މިހާރު މި މިސްކިތްވަނީ ތަޅާލެވިފައެވެ.)
މިލަދުއަކީ ހޭލުންތެރި ތަނަވަސްބަޔަކު އުޅުނު ރަށެކެވެ. ނަމަވެސް އެއްޒަމާނެއްގައި ދެކޮޅުވެރިކަން އުފެދި ޝަރީއަތްތައް ގިނަ ރަށެއްގެ ގޮތުގައި ފާހަގަކުރެވިގެން ދިޔައެވެ. މަޙުކަމަތުއްޝަރުޢިއްޔާގެ ބޮޑު ނާއިބެއް ކަމުގައިވާ އަލްމަރްޙޫމް ބޮޑުފެންވަޅުގޭ މޫސާދީދީގެ ޢިބާރާތުންނަމަ “މިލަދުއަކީ 18 ޢާލަމުން ޢާލަމެކެވެ.” ސަބަބަކީ އެރަށުމީހުންގެ މެދުގައި ޝަރީޢަތްތައް ގިނަވެފައި އެ ޤަޒިއްޔާތައް ހައްލުކުރުމަށް ދަތިކަމުންނެވެ. އެދުވަސްވަރު އަތޮޅުގައި މީހުންދިރިއުޅޭ 16 ރަށާއި މިލަދުއާއި ނުބައްދަލު ކަމަށްޓަކައެވެ. މިލަދުއަކީ މާލޭ ގަލޮޅުގޭ އަންނަބީލް މުޙައްމަދު ދީދީގެ ވިޔަފާރި މަރުކަޒެވެ. އެވިޔަފާރި ހިންގަނީ މިލަދޫ ހަސަންއެވެ. އަނެއްކޮޅުން އަތިރީގޭ ޕާޓީގެ ވެރިޔަކަށް ހުންނެވީ ރަށުގެ ޚަތީބު ކަލޭގެފާނެވެ. މިހެންވުމުން ރަށްއޮތީ ދެބައިވެފައެވެ. ކަންދިމާވަމުންދިޔައީ “ބޮޑުދެގެރި ތަޅާނަމަ ކަށްގަލަށް ބާރުކުރާނެއެވެ.” އެބުނާ ބުނުމާ އެއްގޮތަށެވެ.
ދެވަނަ ބޮޑުހަނގުރާމަ ފެށުނުއިރު އަތޮޅުން 2 ވަނައަށް އެންމެ މީހުން ގިނަ ރަށަކީ މިލަދުއެވެ. އޭރު ރަށުގައި މަހައްފުރާ އަދި މާލެ ދަތުރުކުރާ 32 ގަނޑެތި ހުރިކަމަށް ބުނެވެއެވެ. އަލްސުލްތާން މުޙައްމަދު މުޢިއްޒުންދީނުގެ ރަސްކަމުގެ (1187-1193ހ)ފަސްވަނަ އަހަރު “މުސްކުޅި އޮޅީ މުސްކުޅިކަމު” ހުންނެވި އަލްވަޒީރު މުޙައްމަދު ވެލާނާ ތަކުރުފާނު ، މިލަދޫ އައިމިނާބީ އަށާއި އޭނާގެ ދަރިންނަށް ހުއްދަކުރެއްވީ “ތަޅުދަނީ ރިހިކެވެލި އާއި އިނގިލީ ރަންމުދިއާއި ކަރުފަށްޓަރާއި ކަންފަތުރަންމުދި އަދި އަތުކުރީ އުޅާ”އެވެ. އަދި މީގެ އިތުރުން “ބޮމާ ފޭލިގަނޑާއި ކުޑަކުދީން ގިލޭފައްޗާއި މުދިފަތި ،އުޅުބު ތުނިފޭލި،”ގޮންގެ” ދަމާދޮރު ،އެންދު އުނދޯލި ވައިފޭލި ” މިތަކެއްޗެވެ. ވީމާ މިލަދުއަކީ މުސްކުޅި އޮޅިންގެ ރަށެއްކަމަށް ވިސްނެއެވެ. އެދުވަސްވަރުގެ އާދަކާދައާއި އަދި ޢިބާރާތްކުރުމުގެ ހަމަ މިހުއްދަފަތުން ވަރަށް ސާފުކޮށް އެނގެއެވެ.
މިލަދުއަށް ޚާއްޞަ ވެބްސައިޓެއް ޤާއިމް ކުރެވިފައި ވެއެވެ. މިލަދޫ އޮންލައިންގެ ނަމުގައި ފެބްރުއަރީ 2012 ގައި ލޯންޗްކުރެވުނު މި ވެބްސައިޓްގެ އެޑްރެހަކީ www.miladhoo.com އެވެ.
This article uses material from the Wikipedia ދިވެހިބަސް article މިލަދޫ (ނ. އަތޮޅު), which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.