މަތިވެރިއަކީ ދިވެހިރާއްޖޭގެ އަތޮޅު ތަކުގެ ތެރެއިން އަރިއަތޮޅުއުތުރުބުރީ ގެ ރަށެކެވެ.
މިއީ އަރިއަތޮޅުއުތުރުބުރީގެ މީހުން ދިރިއުޅޭ 8 ރަށުގެ ތެރެއިން ރަށެކެވެ. މިރަށުގެ އާބާދީއަކީ 2018 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ނިޔަލަށް 939 އެވެ. މިރަށުގެ ބޮޑުމިނަކީ 21.9 ހެކްޓަރެވެ. މަތިވެރިއަކީ ދިވެހިރާއްޖޭގެ ހުޅަނގު ބިތުގައިވާ ރަށަކަށް ވާތީ މިއީވެސް ޤުދުރަތީގޮތުން ބޮޑު ފަޅެއްގެ ތެރޭގައިވާ ރަށެކެވެ. މިރަށުގައި އެންމެ ދުވަސްވެފައި ހުރީ ރަށުގެ ބޮޑުނިކަގަހާއި ރަށުގައި ހުރި އާޘާރީ މިސްކިތެވެ. މި ނިކަގަހަކީ 200 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާނެ ގަހެއްކަމަށްވެއެވެ. އާޡާރީ މިސްކިތަކީ ހިޖުރައިން 1150 ގެ އަހަރުތަކުގެ ތެރޭގައި އިމާރާތްކޮށްފައިވާ މިސްކިތެކެވެ. މީގެ އިތުރުން މިރަށަކީ މީގެ 2 ގަރުނެއްވަރު ކުރިން ގިނަ ހާދިސާތަކެއް ހިނގާ، ރަށް ނާމާންވެ މީހުން ހުސްވުމަށްފަހު، އަލުން އާބާދުވި ރަށެއްކަން ރަށުގެ ޢުމުރުން ދުވަސްވީ ރަށްވެހިންގެ ބަހުން ހެކިލިބެއެވެ. މިރަށް ޕްރޮމޯޓު ކުރުމަށް ބޭނުންކުރަމުންދާ ޝިއާރަކީ "މަގޭވެށި-ޗާލު މަތިވެރި" މި ޝިއާރެވެ.
ދިވެހިރާއްޖޭގެ އެހެން ހުރިހާ ރަށެއްވެސް ހިނގަމުންދަނީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން ކަމަށްވާތީ މަތިވެރީގެ ވެސް ރަށުގެ ކަންކަން ހިންގާ ބެލެހެޓުމުގެ އެންމެ އިސްފަރާތަކީ ކައުންސިލެވެ. މިހާރު މަތިވެރީގައި އިންތިޚާބުކޮށްފައިވާ 4 ވަނަ ކައުންސިލްގެ ރައީސަކީ އަޙުމަދު އަސްލަމެވެ. ކައުންސިލްގެ ނާއިބް ރައީސަކީ ޢަލީ ނާފިޒެވެ. ދެން ހިމެނޭ އަނެއް މެމްބަރަކީ ޙުސައިން ނިހާނެވެ. އަންހެން މެމްބަރުންގެ ގޮތުގައި ތިއްބަވަނީ ޝިފުޒާ އިބްރާހީމް އަދި މަރިޔަމް ޝާނިޔާ އާދަމެވެ. ކައުންސިލްގެ މެޖޯރިޓީ އޮތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އަށެވެ. އެމް.ޑީޕީ ގެ 3 މެމްބަރުން (އަސްލަމް، ނާފިޒު، ޝިފުޒާ) ތިއްބަވާއިރު އަނެއް 2 މެމްބަރުން (ނިހާނު، ޝާނިޔާ) ނިސްބަތްވަނީ ޕްރޮގްރެސިވް ޕާރޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަށެވެ.
މަތިވެރީގެ ރަޖިސްޓްރީ އާބާދީއަކީ 2022 ވަނައަހަރުގެ މޭ މަހުގެ ނިޔަލަށް 1024 މީހުންނެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 823 އެވެ. އާބާދީގެ %50.5 އަކީ ފިރިހެނުންނެވެ. %49.5 އަކީ އަންހެނުންނެވެ. 2021 ވަނައަހަރު މަތިވެރީގެ އާބާދީއަށް އުފަންވެފައިވަނީ 16 ކުދިންނެވެ. މަތިވެރީގެ ބައިބޯމިނަކީ ހެކްޓަރަކަށް 40 މީހުންނެވެ.
މަތިވެރީގައި ޢާންމު އެއްގަމު ދަތުރުފަތުރުކުރުމުގައި ގިނައިން ބޭނުންކުރަނީ ބައިސްކަލާއި ސައިކަލެވެ. ރަށުން ބޭރަށް ދަތުރުކުރުމަށްޓަކައި ސަރުކާރުން ޤާއިމްކޮށްފައިވާ ފެރީގެ ނިޒާމާއި އަމިއްލަ ފަރާތްތަކުން ދެމުންގެންދާ ސްޕީޑް ލާންޗުތަކުގެ ބޭނުންކުރެވެއެވެ. ސަރުކާރުން ޤާއިމްކޮށްފައިވާ ފެރީގެ ނިޒާމްގެ ޚިދުމަތް މަތިވެރީގައި ދެނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (MTCC) އިންނެވެ. މި ނިޒާމްގެ ތެރެއިން ކޮންމެ ދުވަހަކުވެސް އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކުރެވެއެވެ. އަދި ކޮންމެ ހޮނިހިރު، ހޯމަ، ބުދަ ދުވަހު މާލެ ދަތުރުކުރެވެއެވެ. އަދި މާލެއިން މަތިވެރިއަށް ކޮންމެ އާދީއްތަ، އަންގާރަ، ބުރާސްފަތި ދުވަހު ދަތުރުކުރެވެއެވެ. އަމިއްލަ ފަރާތްތަކުން ދެމުންދާ ސްޕީޑް ލާންޗުތަކުން ކޮންމެ ދުވަހަކުވެސް އަތޮޅުގެ ރަށްތަކުގެ ތެރެއިން ބޮޑުފޮޅުދޫ، އުކުޅަސް އަދި ރަސްދޫއަށް ދަތުރުކުރެވެއެވެ. އަދި ކޮންމެ ދުވަހަކުވެސް 2 ގަޑިއެއްގައި މާލެ ދެވޭގޮތަށް ހަމަޖެހިފައިވާއިރު މާލެއިން ވެސް ކޮންމެ ދުވަހަކުވެސް 2 ވަގުތެއްގައި މަތިވެރިއަށް ދަތުރުކުރެވެއެވެ. މީގެ އިތުރުން ކައިރި ރިސޯރޓްތަކަށް ދަތުރުކުރާ މޫދުޖައްސާ މަތިންދާބޯޓުތަކުން މާލެ ދަތުރުކުރެއެވެ. އަދި ރިސޯރޓް ސަޕްލައިދޯނި ތަކުންނާއި ރަށުގެ މަސްދޯނިތަކުންވެސް މާލެދަތުރުކޮށް އުޅެއެވެ. ކައިރި ރަށްރަށަށާއި ރިސޯރޓްތަކަށް ދަތުރުކުރުމަށް ކުދި ލޯންޗު ފަހަރާއި ޑިންގީތަކުގެ ބޭނުންވެސް ކުރެއެވެ. ރަށަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ތަކެތި މާލެއިން ގެނައުމަށް ރަށުގެ 2 ދޯނި ކޮންމެ ހަފުތާއަކުވެސް 1 ފަހަރު ދަތުރުކުރެއެވެ.
މަތިވެރީގައި ޞިއްޙީ ޚިދުމަތްދިނުމަށްޓަކައި ސަރުކާރުން ހިންގާ ޞިއްޙީމަރުކަޒެއް ހުރެއެވެ. ރަސްމީދުވަސްތަކުގައި (ހުކުރު، ހޮނިހިރު ފިޔަވައި) 16 ގަޑިއިރުގެ ޚިދުމަތްލިބޭ މިޞިއްޙީމަރުކަޒުން އާސަންދައާއި އެލައިޑް ހެލްތް އިންސުއަރެންސްގެ ދަށުން ބޭސްފަރުވާ ކުރެވޭއިރު އެސް.ޓީ.އޯގެ ބޭސްފިހާރައިން ބޭސް ލިބެއެވެ. ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ޞިއްޙީމަރުކަޒުގައި 1 މެޑިކަލް ޑޮކްޓަރު ހުރެއެވެ. ޞިއްޙީމަރުކަޒުން ޢާންމު ބަލިތަކަށް ފަރުވާ ދިނުމާއި ލެބޯޓަރީގެ ޚިދުމަތާއި ޞިއްޙީމަޢުލޫމާތު ދިނުމާއި މާބަނޑުމީހުންގެ ކްލިނިކާއި ގައިންގަޔަށް ނާރާބަލިތަކަށް ޚާއްޞަ ކްލިނިކާއި ކުޑަކުދިންގެ ހެދިބޮޑުވަމުންދާގޮތް ބެލުމާއި ޢާއިލާ ރޭވުމުގެ ޚިދުމަތްވެސް ހިލޭ ދެވެއެވެ. މަތިވެރީގައި އެންމެ ޢާންމުކޮށް ފެތުރޭ ރޯގާތަކަކީ އަރިދަފުސްރޯގާއާއި ވައިރަލް ހުމެވެ. އަދި ބޭރަށްހިންގުމާއި ހޮޑުލުމުގެ ރޯގާވެސް އަހަރެއްގެ ތެރޭގައި 1 ފަހަރު ފެތުރެއެވެ. ޞިއްޙީގޮތުން ފާހަގަ ކުރެވޭ އެހެނިހެން މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ހަކުރުބައްޔާއި ލޭމައްޗަށް ދިއުމެވެ.
ތަޢުލީމްހާޞިލްކުރުމަށްޓަކައި ސަރުކާރުން ހިންގާ މަތިވެރީ ސްކޫލްގައި ޕްރީސްކޫލް އިންފެށިގެން ގްރޭޑް 10 އާއި ހަމައަށް ކިޔަވާދެވޭއިރު ބޭބީ ނާސަރީއާއި ނާސަރީގެ ކްލާސްތައް ހިމެނޭ އަމިއްލަ ޕްރީ ސްކޫލެއް (ހުސްނާ ޕްރީ ސްކޫލް) ގެ ޚިދުމަތް ލިބެން ހުރެއެވެ. އަދި އަމިއްލަ ފަރާތްތަކުން ޤުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ހިންގަމުންދެއެވެ.
މަތިވެރީގައި ޢާންމުކޮށް ކުޅޭ ކުޅިވަރުތަކަކީ ފުޓުބޯޅައާއި ފުޓްސަލްއާއި ވޮލީބޯޅައާއި ބަށި އަދި ހޭންޑްބޯޅައެވެ. ފުޓުބޯޅަ ކުޅުމަށްޓަކައި ފުޓުބޯޅަދަނޑެއް އޮވެއެވެ. ނަމަވެސް ދަނޑުގެ ބިންގަނޑަކީ ވިނައިގެ ބަދަލުގައި މުރަކަ ވެލި ހުރުމުގެ ސަބަބުން ކުޅުމަށް ދަތިވުމުގެ ސަބަބުން ޒުވާނުން ފުޓުބޯޅައިގެ ބަދަލުގައި ފުޓްސަލްކުޅެމުންދާތީއާއި ރަށުފެންވަރުގެއާއި ޤައުމީ ފެންވަރުގެ މުބާރާތްތައް ކުޅެމުންދާތީ ޒަމަނީފެންވަރުގެ މަސްނޫޢީ ވިނަ ދަނޑެއް ހެދިފައިވެއެވެ. އަދި ވޮލީކުޅުމަށްޓަކައިވެސް މަސްނޫޢީ ވިނަ އަޅާފައިވާ ފެންވަރު ރަނގަޅު ވޮލީކޯޓެއް ހެދިފައިވެއެވެ.
This article uses material from the Wikipedia ދިވެހިބަސް article މަތިވެރި (އއ. އަތޮޅު), which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.