އިންސާނާގެ ހަށިގަނޑުގެ ތެރޭގައި ކަށިގަނޑު ބިނާވެގެންވަނީ ގުޅިފައިވާ ކަށިތަކާއި، ވަކިވަކި ކަށިތަކުގެ މައްޗަށެވެ.
މިކަށިތައް އެކަތި އަނެކައްޗާއި ގުޅުވައިދީ، ހިފަހައްޓައިދީ، ބާރުގަދަ ކޮށްދެނީ ލިގަމެންޓް ތަކާއި، ޓެންޑަންތައް، އަދި މަސްތަކާއި، މަޑު ކަށިތަކުގެ އެހީގައެވެ.
ލިގަމެންޓް ނުވަތަ (އިނގިރޭސި ބަހުން: Ligament) އަކީ އެއްކަށިގަނޑާއި އަނެއް ކަށިގަނޑު ގުޅުވައިދީ، ހުޅުތައް ދުރުވިޔަ ނުދީ ބާރުގަދަ ކުރުމަށް ހުންނަ އެއްސުން ތަކެކެވެ. ޓެންޑަން ނުވަތަ (އިނގިރޭސި ބަހުން: Tendon) އަކީ މަސްތަކާއި ކަށިތައް ގުޅުވައިދޭ ބައެެވެ. ހުދު ކުލައަކަށް ހުންނަ މިބަޔަކީ ފައިބަރަސް ކަނެކްޓިވް ޓިޝޫ އިން އުފެދިފައި ހުންނަ އެއްޗެކެވެ. އުސޫލަކުން ބަލާއިރު ޓެންޑަން އަދި ލިގަމެެންޓްތަކަކީ ވަރަށް އެއްގޮތް އެއްޗެކެވެ. މަސްތަކާއި ޓެންޑަންތައް ގުޅިގެން މަަސައްކަތް ކުރާއިރު ލިގަމެންޓްތަކާއި ހުޅުތައް އަދި ކަށިތައް ވެސް މަސައްކަތްކުރަނީ ގުޅިގެންނެވެ. ކާޓިލޭޖް ނުވަތަ (އިނގިރޭސި ބަހުން: Cartilage) އަކީ މަޑު ކައްޓެވެ. މަޑު ކަށި ހިމެނޭ ހިސާބު ތަކުގެ ތެރޭގައި ދެހުޅު ދޭތެރެ، މައިބަދައިގެ ދެކަށިކޮޅު ދޭތެރެ، ކަންފަތް، ނޭފަތް އަދި ވައި ނޮޅި ފަދަ ތަންތަން ހިމެނެއެވެ.
ގުޅިފައިވާ ކަށިތަކުގެ ތެރޭގައި ބޮލުގެ ނާށިގަނޑު އަދި ޅިނދު ކަށިގަނޑު ހިމެނެއެވެ. ބޮޑެތި ކަށިތަކުގެ ތެރޭގައި ކަށީ މަދު ހުރެއެވެ. ލޭގެ ސެލްތައް އުފެދެނީ ކަށީގެ މަދުގެ ތެރޭގައެވެ. ކަށިތައް ފުރަތަމަ ހުންނަނީ މަޑުކަށި ނުވަތަ ކާރޓިލޭޖްގެ ގޮތުގައެވެ. އެއަށްފަހު ދުވަސްވަމުންދާ ވަރަކަށް މަޑުމަޑުން ކަށީގެ ތެރެއަށް ކެލްސިއަމް ފޭދެމުން ފޭދެމުން ގޮސް ކައްޓަށް ބަދަލުވެގެން ދެއެވެ.
ތުއްތު ދަރިފުޅު އުފަންވާއިރު ގާތްގަނޑަކަށް 300 ކަށިކޮޅު ހުރެއެވެ. ނަމަވެސް ބޮޑުވަމުން އަންނަވަރަކަށް އެއް ކަށިކޮޅު އަނެއް ކަށިކޮޅާއި ގުޅެމުން ގޮސް ބޮޑުވެ ފުރިހަމަވާއިރު ހުންނަނީ 206 ކަށި ކޮޅެވެ. މިގޮތުން ކަށިކޮޅު ހުންނަވަރު ކޮންމެވެސް މިންވަރަކަށް އެކަކު އަނެކަކާއި ތަފާތު ވެދާނެއެވެ. ބައެއް މީހުންގެ 208 ކަށިކޮޅު ހުންނަކަމަށް ވެސް ވެއެވެ.
މައިބަދައިގެ އެންމެ ތިރީގައި އިންނަ މައި ކަށިގަނޑަށް ކިޔަނީ ސެކްރަމް ނުވަތަ (އިނގިރޭސި ބަހުން: Sacrum) އެވެ. މިކަށިގަނޑުގެ ނިމޭކޮޅު އިންނަ ކުޑަކަށިކޮޅަށް ކިޔަނީ ޅިނދު ކަށިކޮޅު ނުވަތަ (އިނގިރޭސި ބަހުން: Coccyx) އެވެ. އާއްމު ގޮތެއްގައި ގިނަކަށިތައް ގުޅި ލާމެހިދަނީ އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ.
ހަށިގަނޑުގައިވާ އެންމެ ދިގު އަދި އެންމެ ބަރު ކަށިގަނޑަކީ ފަލަމަސް ކަށިގަނޑު ނުވަތަ (އިނގިރޭސި ބަހުން: Femur) އެވެ. އެންމެ ކުޑަ ކަށިގަނޑަކީ ސްޓިރަޕް(Stirrup) އެވެ. މިއީ މެދުތެރޭ ކަންފަތުގައިވާ ކަށިކޮޅެކެވެ.
ކަށިގަނޑުން މައިގަނޑު 6 ވަޒީފާއެއް އަދާކުރެއެވެ.
އިންސާނާގެ ހަށިގަނޑަށް ބައްޓަށް ގެނެސްދެނީ ހަށިގަނޑުގެ ކަށިތަކުންނެވެ. ކަށިތައް ގުޅިގެން އުފެދިފައިވާ ފްރޭމް ވޯރކްގެ ސަބަބުން އިންސާނާ އަށް ސާބިތުވެ ހުރުމުގެ ގާބިލިއްޔަތު ލިއްބައިދެއެވެ.
މަސްތަކާއި، ޓެންޑަންތައް ގުޅި، ތަތްވެ، ހިފެހެއްޓިފައި ހުންނަނީ ކަށިތަކުގައެވެ. ނަތީޖާއެއްގެ ގޮތުން އިންސާނާ ހަރަކާތްތެރިވެ އުޅުމަށް އެހީއަކަށް މިކަން ވެއެވެ. ދެހުޅު ދޭތެރެ ގުޅުވާދެނީ އެހިސާބުތަކުގައި ހުންނަ ލިގަމެންޓް ތަކުގެ އެހީގައެވެ. ނަތީޖާއަކީ ކޮންމެ ހުޅެއްމެ ސާބިތުކަންމަތީ ހުރުމަށް ލިގަމެންޓްތައް އެހީތެރިވެދޭ ކަމެވެ.
[[މައިބަދަ ހުންނަ ދިރޭ ސޫފާ ސޫފީގެ ހަރަކާތްކުރުން ބިނާވެފައި އޮންނަނީ ހަށިގަނޑުގައި ހުންނަ މަސް ތަކުގެ މައްޗަށެވެ. މިބުނި މަސްތައް ހުންނަނީ ޓެންޑަން ތަކުގެ އެހީގައި ކަށިގަނޑާއި ތަތްވެ ހަރުލާފައެވެ.
ރައްކާތެރިކަން ހޯދައި ދިނުން އިންސާނާގެ ކަށިގަނޑަކީ ހަށިގަނޑުގައިވާ ވަރަށް ގިނަ ގުނަވަންތައް ރައްކާތެރިކޮށްދޭ އައްޑަނަ އެއް ފަދަ އެއްޗެކެވެ.
ބައެއް ވައްތަރުގެ ކަށިތައް ޚާއްޞަކޮށް ބޮޑެތި ކަށިތަކުގެ ތެރޭގައި ހުންނަ ކަށީގެ ރަތްމަދުގެ ތެރޭގައި ލޭގެ ސެލްތައް އުފެދެއެވެ.
ބައެއް ކަހަލަ މައުދަންތައް ކަށީގެ ތެރޭގައި ރައްކާކުރެވިފައި ހުރެއެވެ. އަދި ހަށިގަނޑަށް ބޭނުން ޖެހިއްޖެ ހިނދެއްގައި އެފަދަ މާއްދާތައް ކަށިން ބޭރުކުރެއެވެ. މިސާލަކަށް ކެލްސިއަމް ހަށިގަނޑަށް ކާނާއިން އެކަށޭނަ ވަރަށް ނުލިބިއްޖެނަމަ ކަށީގެ ތެރޭގައި ރައްކާކުރެވިފައި ހުންނަ ކެލްސިއަމް ބައެއް ފަހަރު ބޭރުކުރާގޮތްވެއެވެ.
އިންސާނާގެ ކަށިގަނޑު މައިގަނޑު ދެބަޔަކަށް ބަހާލެވިދާނެއެވެ. އެއީ އެކްސިއަލް ސްކެލިޓަން އަދި އެޕެންޑިކިއުލާ ސްކެލިޓަން އެވެ. އެކްސިއަލް ސްކެލިޓަން ގައި 5 ބަޔަކުން 80 ކަށިގަނޑު އެކުލެވިގެން ވެއެވެ. އެއީ
އެޕެންޑިކިއުލާރ ސްކެލިޓަން ގައި 6 ބަޔަކުން 126 ކަށިގަނޑު އެކުލެވިގެން ވެއެވެ. އެއީ
އަންހެނުންނާއި ފިރިހެނުންގެ ކަށިގަނޑުގައި ވަރަށް ބައިވަރު ތަފާތު ތައް ހުރެއެވެ. މިސާލަކަށް ޅިނދު ކަށިގަނޑު ނަގަމާ ހިގާށެވެ. އަންހެނުންގެ ޅިނދު ކަށިގަނޑަކީ ފަތި ބޮޑު އަދި ފިރިހެނުންނަށް ވުރެ ވަށްކޮށް އިންނަން ކަށިގަނޑެކެވެ. މިއީ ވިހެއުމުގެ ތެރޭގައި ކުޑަ ދަރިފުޅުގެ ބޯ ފަސޭހަ ކަމާއެކު ޅިނދު ކަށިގަނޑު ހުރަސްކޮށް ދިއުމަށްޓަކައި އުފެދުމުގައި އަންހެނުންގެ ޅިނދު ކަށިގަނޑަށް ލިބިފައިވާ ސިފައެކެވެ. ފިރިހެނުންގެ އަތްފައި ދިގުވެފައި އިގިލިތައް ވެސް އަންހެނުންނަށްވުރެ ދިގުކަން ފާހަގަ ކުރެވެއެވެ. އަންހެނުންގެ މޭމަތީ ކަށިތައް ހިމަވެފައި، ދަތްތައް ކުދިކަން ފާހަގަ ކުރެވެއެވެ. އަދި މިނޫން ބައެއް ތަފާތު ތައް ވެސް އެކިއެކި ކަށިތަކުގައި ހުރެއެވެ.
ކަށިތަކަށް ޖެހޭ ތަފާތު ބަލިތައް ވެއެވެ. އެންމެ އާދައިގެ ކުދިކުދި ބިދުމުން ފެށިގެން ގޮސް ކެންސަރު ފަދަ ބަލިތައް ވެސް ކައްޓަށް ޖެހޭކަން ފާހަގަކުރެވެއެވެ. ކަށީގެ ބައެއް ބަލިތަކަކީ އުފެދުމުގައި ހުންނަ ބަލިތަކަށް ވާއިރު އަނެއް ބައި ބަލިތަކަކީ ކޮންމެވެސް ސަބަބަކާއި ގުޅިގެން ކުރިމަތިވާ ބަލިތަކެވެ.
ކަށީގެ ކެންސަރަކީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ބައެއް ފަހަރު މީގެ ސަބަބުން ކެންސަރު ޖެހިފައިވާ އަތް ނުވަތަ ފައި ބުރިކޮށްލަން ޖެހުމަކީ ވެސް ވެދާނެގޮތެކެވެ. ހުޅުތަކަށް ޖެހޭ ރާއްޖެ ބަލި ފަދަ ބަލިތަކާއި ހުޅުހުޅު ދުޅަވުން ފަދަ ބަލިތަކުގެ ސަބަބުން، ހުޅުގައި ރިއްސުން، ހުޅު ދުޅަވުން، ހުޅު ހަރުއެރުން، ހުޅު ހަރަކާތް ނުކުރެވުން ފަދަ އުދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ. މީގެ އިތުރުން ކަށި ގަނޑު ބިއްދައިގެން ދިއުން، ހުޅު ނެއްޓުން އަދި ކަށި ފީވުން ފަދަ ބަލިތަކަކީ ވެސް ކައްޓަށް ޖެހޭ ބަލިތަކުގެ ތެރޭގައި ހިމެނޭ ޢާންމު ބަލިތަކެވެ.
This article uses material from the Wikipedia ދިވެހިބަސް article ކަށިތަކުގެ ނިޒާމް, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.