ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ) އަކީ 1893 އިން 1902 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ރަދުންނެވެ.
އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން އަކީ ހުރާގޭ ޚާންދާނުން ރަސްކަންކުރެއްވި 9 ވަނަ ރަދުންނެވެ. އެއީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަތަރުވަނަ) ނުވަތަ މުސްކުޅި ބަންޑާރައިން ގެ އަލްއަމީރު ޙަސަން ޢިއްޒުއްދީން ނުވަތަ މާންދޫގޭ ލޯފަން މަނިއްޕުޅު އެވެ. މަންމާފުޅަކީ މާންދޫގޭ އަލްފާޟިލް މުޙައްމަދު ދީދީގެ ދޮންދީދީ އެވެ. މިރަދުން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 7 ރަޖަބު 1285 ނުވަތަ 25 އޮކްޓޯބަރ 1868 ގައެވެ. ރަސްކަމަށް އިސްވެވަޑައިގަތީ 6 މުޙައްރަމް 1311ހ، 20 ޖުލައި 1893 ގައެވެ. ބައެއް ލިޔުންތަކުގައި ރަސްކަމަށް އިސްކުރެވުނު ތާރީޚަކީ 21 ޖުލައި 1893 ކަމަށް ލިޔެފައި ވެއެވެ. މިރަދުން މަޝްހޫރު ވެފައިވަނީ ޙާޖީ ޢިމާދުއްދީން ގެ ނަންފުޅުންނެވެ. 20 ވަނަ ގަރުނު ފެށުނު އިރު ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚްތުގައި އިންނެވީ މިރަދުންނެވެ.
އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ) ފުރަތަމަ ކާވެނިފުޅު ބައްލަވައިގަތީ އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ އާގަނޑުވަރު ދޮށީ ގޮމަޔާ އެވެ. އެބަނޑުފުޅުން އަލި ރަސްގެފާނު ގަނޑުވަރު ގޮމަފުޅު ލިބިވަޑައިގެންނެވި އެވެ. ދެވަނަ އަށް ކާވެނި ބައްލަވައިގަތީ އެއްގަމުގޭ ޙަސަން ފާމުލަދޭރި ކިލެގެފާނުގެ އުއްމު ކުލްޘޫމް ދީދީ އާއެވެ. މިބަނޑުފުޅުން ލިބިވަޑައިގަތީ ޢަބުދުﷲ ޢިމާދުއްދީން، ޙަސަން ޢިމާދުއްދީން، އިސްމާޢީލް އިމާދުއްދީން، އަދި ގުލިސްތާން ޢިމާދުއްދީން އެވެ. ތިންވަނައަށް ކާވެނިފުޅު ބައްލަވައިގަތީ މިޞްރުގެ އަންހެނެއްކަމުގައިވާ ޝަރީފާ ހާނިމް އާއެވެ. މިބަނޑުފުޅުން ދައުލަތު ޢިމާދުއްދީން ލިބިވަޑައިގަތެވެ.
މިރަދުންގެ ކޮލީ ނަންފުޅެއް ނޯވެއެވެ. އެއީ އެރަދުން ކޮލި ނުލާތީ އެވެ. ދިވެހިރާއްޖޭގައި މިރަދުންގެ ނަންފުޅުގައި ބޭނުންކުރާ 3 ނަންފުޅެއް އޮވެއެވެ. އެއީ ޙާޖީ ބަންޑާރައިން ނަންފުޅާއި، ސުވޭހު ބަންޑާރައިން މިނަންފުޅާއި، ޙާޖީ ޢިމާދުއްދީން މިނަންފުޅެވެ. މިރަދުންގެ ރަސްކަމުގައި ދިވެހިރާއްޖޭގެ ޙާލަތު އޮތީ ވަރަށް އާދައިގެ ގޮތެއްގައެވެ. އާންމުދަނީ ލިބޭނެ މާބޮޑު ވަޞީލަތެއް ނޯވެއެވެ. ވާރަށް ނަގާ ތަކެއްޗާއި ފަޅު ރަށްރަށުން ލިބޭ ތަކެއްޗަކީ ޢާންމުދަނީ އަށް ލިބޭ ތަކެއްޗެވެ.
އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ) ގެ ރަސްކަމުގައި މާލޭގެ 4 އަވަށުގައި ކިޔަވައިދޭނޭ އެދުރުން ލައްވައި، އެމީހުންނަށް ހަނޑުލުން މުސާރަ ދެއްވައި، ބަންޑާރަ އެދުރުގޭގެ ނަމުގައި މަދަރުސާ އުފެއްދެވި އެވެ. އަދި ކަޅުވަކަރު މިސްކިތް އެންމެ ފަހުން އެމިސްކިތް ނެންގެވި ތަނަށް ބަދަލުކުރެއްވެވީ ވެސް މިރަދުންނެވެ. މީގެ އިތުރުން މާލޭގެ ވަށާ ތޮއްޓާއި، ބޮޑުފާރު ވެސް މަރާމާތު ކުރެއްވި އެވެ. އުސްގެ ކޮޅު އިމާރާތް ކުރައްވަން ފެއްޓެވި އެވެ. ގަނޑުވަރުތެރޭގެ ކުއްލާބު ގެއާއި، ބޮޑުކިބައިގައި އިމާރާތް ބަދަލު ކުރައްވައި، އާކުރެއްވި އެވެ. އަދި ފަހުން ހުރިގޮތަށް މާންދޫގޭ ޢިމާރާތް ކުރެއްވީ ވެސް މިރަދުންނެވެ.
އަދި މިރަދުން ދިވެހިރާއްޖޭގެ ތާރީޚަށް ޚިދުމަތްކުރެއްވުމުގެ ގޮތުން އަލްޤާޟީ ޙަސަން ތާޖުއްދީންގެ ތާރީޚް ފޮތާއި، އަދިވެސް ބައެއް ޢިލްމުވެރީން ލިޔުއްވާފައިވާ މިމައުޟޫޢުގެ ފޮތްފޮތް ދިވެހި ބަހަށް ގެންނެވުމުގެ މަސައްކަތް އެކަށީގެންވާ ބޭފުޅުން މެދުވެރި ކުރައްވައިގެން ހިންގެވި އެވެ.
އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ)ގެ ދުވަސްވަރު ބޮޑުވަޒީރުކަން އަދާކުރެއްވީ ކަކާގެ ސުމުއްވުލް އަމީރު މުޙައްމަދު ރަންނަ ބަނޑޭރި ކިލެގެފާނު އާއި، އަތިރީގެ ސުމުއްވުލް އަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އެވެ. ދިވެހިރާއްޖޭގެ ރަސްރަސްކަލުންނާއި ބެހޭގޮތުން، ޢަރަބި ބަހުން ފޮތެއް ލިޔުއްވައި، މިރަދުން ޝާއިޢު ކުރެއްވި އެވެ. އަދި ޢަރަބި ބަހުން ރޫމީ މައިލެއްވެސް އެކުލެއްވެވި އެވެ.
އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ) އަކީ އިސްކޮޅުން ބޮޑު، ހައިބަތުހުރި ، ދޮންބޭފުޅެކެވެ. ތަފާތު ރޮނގުރޮނގުން ރަސްމީ ޚިދުމަތް ކުރެއްވި، އަދި އަމިއްލަ ފުޅު ގޮތުން ވެސް އެކަންކަމަށް ޝައުޤުވެރި ވަޑައިގެންނެވި ބޭފުޅެކެވެ.
އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ) އަކީ މާންދޫގޭ އެހެން ބޭފުޅުން ފަދައިން، ޢިލްމާއި އަޚްލާޤުގައި ޝާހީ ޢާއިލާގެ ރީތި ނަމޫނާ އެކެވެ. އުރުދޫ ބަހާއި، ޢަރަބި ބަސް ދެނެވަޑައިގަންނަވައެވެ. އަދި ފަންނީ ރޮނގުން ގިނަ ކަންތައްތަކެއް ދެނެވަޑައިގަންނަވާ ފަންނުވެރި ބޭފުޅެކެވެ.
އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ) ރާއްޖެ ދޫކުރައްވައި މިޞްރަށް ވަޑައިގެން ހުންނަވަނިކޮށް 13ޛުލްޙައްޖާ 1320ހ ، 12 މާރޗް 1903 (11މާރޗް 1903 ގައި ) ގައި ރަސްކަމުން ޢަޒުލު ކުރެވުނެވެ. އަދި 29 ޖުމާދިލް އޫލާ 1351ހ، 30 ސެޕްޓެމްބަރ 1932 ގައި އަވަހާރަވެ، ގާހިރާގައި ފަސްދާނު ލެވުނެވެ.
ކުރިން ހުންނެވީ: ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) | ދިވެހިރާއްޖޭގެ ރަދުން 1893 - 1902 | ފަހުން ވަޑައިގަތީ: |
This article uses material from the Wikipedia ދިވެހިބަސް article ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަވަނަ), which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.