އަލްފާޟިލް އަލްމަރްޙޫމް ޢަބްދުﷲ އިސްމާޢީލް އަކީ މޮޅު ހިސާބު ޢިލްމުވެރިއެކެވެ.
އަދި މޮޅު މާލިމީ އެކެވެ. ޢަބްދުﷲ އިސްމާޢީލް މަޝްހޫރުވެފައިވަނީ ކުޑއިސްމާއިލް ކަލޭފާނު ތުއްތުގެ ނަމުންނެވެ. އަދި ވަރަށް ގިނަ ބައެއްގެ ތުއްތު ސާހިބުގެ ގޮތުގައެވެ.
އަލްފާޟިލް ޢަބްދުﷲ އިސްމާއީލް ނުވަތަ އިސްމާއީލް ކަލޭގެފާނުގެ ތުއްތު އަކީ ހިމިތީ މާލިމީ އިސްމާއިލް ކަލޭގެފާނުގެ ދަރިކަލުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަންމައަކީ ފެލިދު އަތޮޅު ފެލިދޫ މަރިޔަމްފުޅެވެ. ޢަބްދުﷲ އިސްމާޢީލް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1319 ޛުލްޤަޢިދާ 1 (10 ފެބްރުއަދީ 1902މ.) ވީ ހޯމަ ދުވަހު ފ. އަތޮޅު ހިމިތީގައެވެ.
މީނާއަކީ އެއް ގޮތަށްވުރެ ގިނަ ގޮތްގޮތުން ސަމާލުކަން ދެވޭ ދިވެހި ޝަޚްސިއްޔަތެކެވެ. ތުއްތު ސާހިބުގެ އާއިލާ މާލެއިން ވެސް ފެންނަން އެބައޮތެވެ. މ. ހުދު އަސުރުމާގެ، އަދި މ. އަސުރުމާގެ މި ދެ ގޭބިސީގެ އަހުލުވެރީންނަކީ ތުއްތު ސާހިބުގެ ދަރިފަސްކޮޅުން އައިސްފައިވާ މީހުން ކަމުގައި ބުނެވެއެވެ.
ސިލްސިލާ ލިޔުންތަކުގެ ބައި |
ޅަފަތުގެ ދައުރު |
ފިރުކެންފެށި ދައުރު |
ނައިބު ތުއްތު/ޖަމާލުއްދީން |
ހިނގައި ގަނެވުނުދައުރު |
މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު |
އަލްފާޟިލް ޢަބްދުﷲ އިސްމާއީލް ނުވަތަ އިސްމާއީލް ކަލޭގެފާނުގެ ތުއްތުއަކީ ހިސާބު ޢިލްމުގެ މާހިރެކެވެ. މޮޅު މާލިމީ އެކެވެ. އަދި ކުއްލި ޖަވާބާއި، ބަހުގެ ސަމާސާ ތަކާއި، ދެމާނަ ހުންނަގޮތަށް ބަސް ބޭނުން ކުރެއްވުމުގައި އޭނާ އަކީ ލާމަސީލު ބޭކަލެކެވެ.
އަލްފާޟިލް ޢަބްދުﷲ އިސްމާއީލް ނުވަތަ އިސްމާއީލް ކަލޭގެފާނުގެ ތުއްތުއަކީ ބޭރު ބަސް ދިވެހި ކުރެއްވުމުގައި ވެސް އަރާ ހުންނެވި ބޭކަލެކެވެ. މިސާލަކަށް ދަހަމަލަ ކަސްރު (އިނގިރޭސި ބަހުން: Decimal Fraction) ، ބައި ހިމަނާ (އިނގިރޭސި ބަހުން: Numerator) ، ބައިކުރާ (އިނގިރޭސި ބަހުން: Denometer) އަދި ބ.ދ.ގ (އިނގިރޭސި ބަހުން: LCM) އަދި ބ.މ.ބ (އިނގިރޭސި ބަހުން: HCF) މިހިރީ ހައްތަހާ ވެސް އޭނާ ދިވެހި ބަހަށް ގެންނެވި ބަސްތަކެވެ. ތުއްތު ސާހިބަކީ ހިސާބު ޢިލްމުވެރިއެއް ކަމުން އޭނާ އެންމެ ގިނަ ބަސް ދިވެހި ކުރައްވާފައިވަނީ ހިސާބު ޢިލްމާ ބެހޭ ގޮތުންނެވެ.
އިސްމާއީލް ކަލޭގެފާނުގެ ތުއްތުއަކީ ދިވެހި ބަހަށް ދިވެހި ލިޔުމަށް ވެދެވަޑައިގެން ހުންނެވި ބޭކަލެކެވެ. ވަރަށް ރީތިކޮށް އަދި އެހާމެ އަވަހަށް ލިޔުއްވާ ބޭފުޅެކެވެ. އޭނާ ވަނީ ގާނޫނު ހަދާ މަޖުލީހުގެ އިސްކާތިބެއްގެ ދައުރު އަދާކޮށްފައެވެ. އެހެންކަމުން އޭނާ އަކީ ކުޅަދާނަ ކާތިބެއް ވެސް މެއެވެ. ވަރަށް ގިނަ ބޭފުޅުންގެ އަރިހުގައި އޭނާ ލިޔުއްވަން އުޅުއްވި އެވެ. އެގޮތުން ފަޟީލަތުއް ޝައިޚްއިބްރާހީމް ރުޝްދީ އަލްއަޒްހަރީގެ އަރިހުގައި ވެސް ލިޔުއްވަން އުޅުއްވި އެވެ.
ތުއްތު ސާހިބަކީ ތާނައިގެ އަކުރުތައް އުފެދިފައިވާ ގޮތާމެދު ވަރަށް ބޮޑަށް ޚިޔާލު ކުރެއްވި ބޭފުޅެކެވެ. ތުއްތު ވިދާޅުވި ގޮތުގައި ދިވެހި ބަހުގެ އަކުރުތައް ހެދިފައިވާ ގޮތާމެދު ޚިޔާލު ކުރެއްވި ބޭފުޅުން ދައްކަވާފައިވާ ވާހަކަ ފުޅުތަކާ މެދު، އެއްބަސްވެވޭ ތަންތަނާއި އެއްބަސް ނުވެވޭ ތަންތަން ހުރެއެވެ. އެގޮތުން ހ. އިން ވ އާއި ހަމައަށް އަކުރުތައް އުފެދިފައިވަނީ އަރަބި ހިސާބު އަކުރުގެ 1 ން 9 އަށް ކަމަށް ދައްކަވާފައިވާ ވާހަކައަށް މުޅިން އެއްބަހެވެ. އަދި މ އިން ފެށިގެން ޑ އަށް ހަމައަށް އެދައްކަވާ ވާހަކަތަކާ މެދު އެއްބަސް ނުވެވޭ ކަމުގައެވެ.
ތުއްތު ސާހިބު ބުނުއްވާފައި ވެއެވެ. ދިވެހިން ކުރިން ހިސާބު އަކުރަކަށް ބަލައި އުޅުނީ މ، ފ، ދ، ތ، ލ، ގ، ޱ، ސ، ޑ މިއަކުރުތަކެވެ. މ އެއީ 1 އެވެ. ފ. އެއީ 2 މިގޮތަށެވެ. 7 ން އުފައްދާފައިވާ ޱ މިއީ ކުރީގެ ލިޔުންތަކުން ފެންނަން އޮތް އަކުރެކެވެ. މިއީ ނ އާއި ޏ އާއި ދޭތެރޭ މެދުން ކިޔޭ އަކުރެކެވެ. މިހާރުވެސް ދެކުނުގެ އަތޮޅު ތަކުގައި މިއަކުރު ބޭނުންކުރެއެވެ. މީގެ އިތުރުން ޒ، ޓ، ޔ، ޕ، ޖ، ޗ އުފެދުނު ގޮތާމެދު އިތުރު ހޯދުންތަކެއް ހޯދަން ނުޖެހޭކަމަށް ތުއްތު ބުނުއްވިއެވެ.
ކުރީ ޒަމާނުގައި ދިވެހިން ތާނަ ލިޔަމުން އައީ ވަރަށް ފައިކޮޅު ދިގު އަކުރުތަކަކުންނެވެ. ރާދަވަޅި، ސިޔަރަތު ފަދަ ލަވަފޮތްތަކުން މިކަން ފެންނަން އެބައޮތެވެ. މިހެން މިކަން އޮއްވައި މި ފައިކޮޅު ދިގު އަކުރުތައް އެންމެ ފުރަތަމަ ކުރުކޮށްލައްވައި ލިޔުއްވި ލިޔުންތެރިއަކީ ތުއްތު ސާހިބެވެ. އޭނާގެ މި ބަދަލާއެކު މިހާރު މި ފެންނަ ސައިޒުގެ އަކުރުތަކަށް ތާނައިގެ އަކުރުތައް ވެގެން ހިގައްޖެއެވެ. ހަމަ މިއާއެކު އަތު ލިޔުމުގެ އަކުރުތައް ވެސް އޭނާ އުފެއްދެވިއެވެ. މިއަކުރުތަކުގެ ފ. އަކީ ހ (ހާ) އެއްގޮތަށް އެއަށްވުރެ ދިގުކޮށް ދަމާލެވިފައިވާ އަކުރެކެވެ. ދ. ވެސް އޮންނަނީ ނިންމާލާއިރު އޮންނަ ބޮޅުގެ ބަދަލުގައި ކުޑަ ތުޑެއް ލާފައެވެ. ސުކުންތައް ވެސް ހުންނަނީ ސުކުންކުރާ އަކުރާއި ގުޅިގެންނެވެ.
އަތިރީގޭ ތާނަ އަކީ ރާއްޖެތެރޭގެ މީހަކު އަތިރީގޭ ދޯނިކޮޅަކަށް ފޮނުއްވި ނުވަތަ ވެދުމަށް އެރުވި ފައެއްގައި އަތިރީގެ މިހެން ނަން އަޅާލި ދެތިން އަކުރުން އުފެދިގެން އައި އަކުރު ތަކެކެވެ. އަތިރީގޭ ތާނަ އަށް ވަޑާންކަށި ތާނަ އޭ ވެސް ކިޔައެވެ. އަތިރީގޭ ތާނައޭ ކިޔަނީ ވަޑާން ކަށްޓަކުން އަތިރީގެ މިނަން ފުރަތަމަ ފަހަރަށް ލިޔެފައި ވާތީ އެވެ. ވަޑާން ކަށި ތާނައޭ ކިޔަނީ ވަޑާން ކައްޓަކުން ލިޔެފައި ވާތީއެވެ. އެއީ މިޒަމާނުގެ ކަލްކިޔުލޭޓަރުގައި ހިސާބު އަކުރު ޖެހޭ ކަހަލަ ހަމަޔަކުން ބުރިބުރިއަށް ހުރި އަކުރު ތަކެއް ކަމަށް ފެނެއެވެ. ތުއްތު ސާހިބު މިއަކުރުތައް އެންމެ 4 އަކުރުގެ ނަމޫނާއަކަށް ބައްލަވައިގެން މުޅި ހަށަނަރަ އެގޮތަށް ބަދަލުކުރައްވައި، އޭގެ އެކި ސައިޒު އުފައްދަވައި، އެއަކުރުތަކަށް ފިލިދެއްވައި، މިޒަމާނުގެ ލެޓަރ ޕްރެސް އާއި އެއްވަރަށް އަކުރު ތަކުން ތައްގަނޑު ހެއްދެވި އެވެ.
ތުއްތު ސާހިބު ލިޔުއްވި ފޮތްތަކުގެ ތެރޭގައި އަންނަނިވި ފޮތްތައް ހިމެނެއެވެ.
އަބްދުﷲ އިސްމާއިލް ފުރަތަމަ ތަޢުލީމު ޙާޞިލު ކުރެއްވީ ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީންގެ އަރިހުންނެވެ. އެއަށްފަހު އަލްފާޟިލް ރަންފުޅު ޅަހުއްތުގެ އަރިހުންނެވެ. ހިސާބު ޢިލްމާއި ނެވިކަމުގެ ހިސާބު ދަސްކުރެއްވީ މީނާގެ އަރިހުންނެވެ. އަދި އިންޑިޔާއިން އުރުދޫ ބަސް ކިޔަވާ ވިދާޅުވިއެވެ.
އަލްމަރްޙޫމް ޢަބްދުﷲ އިސްމާޢީލް ވަނީ ސަރުކާރުގެ ޗާޕްޚާނާގައި މަސައްކަތް ކުރައްވާފައެވެ. އަދި މަޠުބަޢަތުއް ސަޢާދާގައި ވެސް މަސައްކަތް ކުރެއްވިއެވެ.
އަބްދުއްﷲ އިސްމާއިލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވިތާ އެތައް އަހަރެއް ފަހުން ޢަބްދުﷲ އިސްމާޢީލްގެ ހަނދާނީ އެވޯޑް ގެ ނަމުގައި ފ. އަތޮޅުގެ ދަރިވަރުންނަށް ސަރުކާރުން އެވޯޑެއް ވަނީ ތަޢާރަފު ކޮށްފައެވެ. ތުއްތު ސާހިބުގެ ހަނދާނުގައި މި އެވޯޑް ތަޢާރަފު ކޮށްދެއްވީ 25 އެޕްރީލް 1981 ގައި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމް އެވެ. މި އެވޯޑުގެ ދަށުން 1983 ވަނަ އަހަރުން ފެށިގެން ފ. އަތޮޅުން ދެ ކުއްޖަކަށް (އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކަށް) ސަރުކާރުގެ ޚަރަދުގައި މާލޭގައި ތަޢުލީމް އުނގެނުމުގެ ފުރުޞަތު ދެމުން ގެންދެއެވެ.
ޢަބުދުﷲ އިސްމާޢިލް ލައިބްރަރީ މިނަމުގައި ލައިބްރަރީއެއް ވެސް 25 އެޕްރީލް 1981 ގައި ފ. އަތޮޅު މަގޫދޫގައި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމް ހުޅުއްވައިދެއްވިއެވެ. މިއީ ދިވެހިރާއްޖެ ދުށް މަޝްހޫރު ހިސާބު ޢިލްމުވެރިޔާ ޢަބުދުﷲ އިސްމާޢީލް ނުވަތަ ތުއްތުގެ ހަނދާނުގައި ބިނާކުރެވިފައިވާ ތަނެކެވެ. 1999 ވަނަ އަހަރު ފ.އަތޮޅުގެ ވެރިކަން ފ. މަގޫދޫއިން ފ. ނިލަންދޫއަށް ބަދަލުވުމާއި ގުޅިގެން މި ލައިބްރަރީ ވެސް ވަނީ ނިލަންދޫއަށް ބަދަލު ކުރެވިފައެވެ. ތަފާތު ދާއިރާގެ ފޮތްތައް މިލައިބްރަރީ އިން ލިބެން ހުރެއެވެ. ރަށުގެ ޢާންމުންނާއި ސުކޫލް ކުދިންނަށް މި ތަނުން ފޮތް ގެންގޮސްގެން ކިޔުމުގެ ފުރުޞަތު ހުޅުވާލެވިފައި ވެއެވެ.
އަލްފާޟިލް އިސްމާޢީލް ކަލޭފާނު ތުއްތު ސާހިބު އަވަހާރަވީ އުމުރުފުޅުން 76 އަހަރުގައި 31 މާރޗް 1970މ ގައެވެ.
This article uses material from the Wikipedia ދިވެހިބަސް article ޢަބްދު ﷲ އިސްމާޢީލް (އިސްމާޢީލް ކަލޭގެފާނުގެ ތުއްތު), which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.