އަނބަކީ ހޫނު ހިސާބު ތަކުގައި ހެދޭ މޭވާ އެކެވެ.
ގަސްގަހާ ގެހީގެ ބާވަތްތައް ބަހާފައިވާއިރު އަނބު ނިސްބަތްވަނީ މެންގިފީރާ ކިޔާ ޢާއިލާ އަކަށެވެ. މިޢާއިލާގައި މޭވާ އަޅާ ތަފާތު 30 ބާވަތެއްގެ ގަސް ހިމެނެއެވެ. އަނބު ޢާންމު ގޮތެއްގައި ހެދެނީ އިރުމަތީ އޭޝިޔާ އާއި، ދެކުނު އޭޝިޔާގެ ގައުމު ތަކުގައިކަމަށް ފާހަގަ ކުރެވިފައި ވެއެވެ. ޚާއްޞަކޮށް އިންޑިޔާ، ބަގްލަދޭޝް، ސްރީލަންކާ، ޕާކިސްތާން، ބަރުމާ، ފިލިޕީންސް އަދި އިންޑޮނޭޝިޔާ ފަދަ ގައުމު ތަކުގައި އަނބު ހެދޭ މިންވަރު އިތުރު ކަން ފާހަގަ ކުރެވެއެވެ.
އޭޝިޔާގެ ސަރަހައްދުގައި އަނބަށް ޚާއްޞަ ގަދަރެއް ދެވިފައިވާ ފާހަގަ ވެއެވެ. އަނބަކީ ފިލިޕީންސްގެ ގައުމީ މޭވާ އެވެ. ހިންދީންގެ ތެރޭގައި އަނބު ކަލާންގެ ދެއްވާ ކާނާގެ ގޮތުގައި ސިފަ ކުރެވިފައި ވެއެވެ. ހިންދީންގެ ކައިވެނި، އަދި ދީނީ ހަފްލާތަކަށް ތަންތަން ޒީނަތްތެރި ކުރުމަށް އަނބު ފަތް ބޭނުންކޮށް އުޅެއެވެ.
ގަދީމީ މިޞްރު މީހުން އަނބުގެ ތޮށި ހަންގަނޑުގައި އަޅައި އުޅުނެވެ. އެއީ އެގޮތަށް ހަދައިގެން އިރުގެ ދޯދިތަކުން ހަނގަނޑަށް ލިބޭ ގެއްލުންތައް ކުޑަކޮށް ހަމުގެ ކެންސަރަށް ހަންގަނޑު ހުށަހެޅުމުގެ ފުރުޞަތު ކުޑަކުރުމަށް ކަމަށް ބުނެވެއެވެ.
އަނބަށް އިގިރޭސި ބަހުން ކިޔައި އުޅޭ މެންގޯ މިނަން އައިސްފައިވަނީ ތަމަޅަ، އަދި މަލަޔާޅަމް ބަހުން ކަމަށް ބުނެވެއެވެ. މިދެބަހުގައި އަނބަށް ކިޔަނީ މަންގާ އެވެ. މަންގާގެ ގޮތުގައި މިނަން މަޝްހޫރު ވެގެން އައީ ޕޯޗުގީޒުން އިހު ޒަމާނުގައި އިންޑިޔާއަށް ކުރި ދަތުރުތަކަށް ފަހުގައެވެ. ދިވެހި ބަހަށް އަނބު މިނަން އައިސްފައިވަނީ ފާރިސީ ނުވަތަ އުރުދޫ ބަހުން ކަމަށް ބެލެވެއެވެ. ފާރިސީ ބަހުން އަނބަށް ކިޔަނީ އަންބާ މިހެންނެވެ. އަދި އުރުދޫ ބަހުން ކިޔަނީ އަމްބާ މިހެންނެވެ.
އަނބު ގަހަކީ ހިޔާދޭ ބޮޑުކޮށް ހެދޭ ގަހެކެވެ. އާއްމު ގޮތެއްގައި 40-35 މީޓަރުގެ އުސްމިނަށް އަނބުގަސް ހެދެއެވެ. އަނބުގަހުގެ މައި ބައި 10 މީޓަރުގެ ފުޅާ މިނަށް ބޮޑުވާ ކަމަށް ވެއެވެ. ފެހި ކުލައަށް ހުންނަ ފަތުގެ ދިގުމިނުގައި 35-15 ސެންޓިމީޓަރު ހުންނަ އިރު ފުޅާ މިނުގައި 16-6 ސެންޓިމީޓަރު ހުރެއެވެ. މާ އަޅަނީ ކޯނި ތަކުގެ ކުރީގައެވެ. މާއެޅުމަށް ފަހު އަނބު އެޅުމަށް 6-3މަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ.
އަނބުގެ ތަނޑި ބައެއް ފަހަރު ވަރަށް ދިގުކޮށް ހުރެއެވެ. އަނބު ދޮންވުމުން ރީދޫ، އޮރެންޖް، ރަންގު، ރަން، ރަތް އަދި މިނޫން ކުލަތަކުގައި ވެސް ހުރެއެވެ. އާއްމު ގޮތެއްގައި ދޮންނުވާއިރު އަނބު ހުންނަނީ ފެހި ކުލައަށެވެ. ނަމަވެސް ބައެއް ވައްތަރު ދޮންނުވާއިރު ވެސް އެހެން ކުލައަކަށް ހުރެދާނެއެވެ.
އަނބަކީ ވިޓަމިން ސީ އަދި ވިޓަމިން އޭ އިން މުއްސަދިވެފައިވާ މޭވާ އެކެވެ. އަދި ހަމަ މިހެން ބީޓާ ކެރޮޓީން އަދި ފައިބަރު ވެސް އަނބުގައި އެކުލެވިގެން ވެއެވެ. މައިދާ އަށް ކުރިމަތިވާ މައްސަލަތައް ރަގަޅު ކުރުމުގައި އަނބަކީ ބޭނުންތެރި މޭވާއެއްކަން ވަނީ ފާހަގަ ކުރެވިފައެވެ.
އަނބަކީ އޭގައި ފީނޮލިކް ކަމްޕައުންޑްތައް އެކުލެވޭ ކާނާގެ ބާވަތެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފީނޮލިކް ކަމްޕައުންޑް އެކުލެވޭ ކާނާގެ ބާވަތްތަކަކީ ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ބަލިތަކުން ހިމާޔަތް ކޮށްދިނުމުގައި އެހީތެރިވެދޭ ބާވަތްތަކެކެވެ. އަނބުގައި އެކުލެވޭ ފީނޮލިކް ކަމްޕައުންޑް ތަކުގެ ތެރޭގައި ކޮރެސްޓިން، އަސްޓްރަގްލިން، ގަލިކް އެސިޑް އަދި މީތައިލް ގަލޭޓް ފަދަ މާއްދާތައް ހިމެނެއެވެ.
ދަނގަޑު ގިނަ ޢަދަދަކަށް އަނބުގައި ހިމެނޭތީ ލޭދަށްވުން ތަޙައްމަލު ކުރަމުންދާ މީހުންނަށް އަނބު ކެއުމަށް އިރުޝާދު ދެވެއެވެ. މާބަނޑު އަންހެނުންނާއި، މައްސަރު ކަންތައް ލައިގެންފައިވާ މީހުން އަނބު ބޭނުންކުރުމަކީ ރަގަޅު ކަމެކެވެ. އެއީ ބޭރުވެގެންދާ ލެޔާއެކު ގެއްލިގެންދާ ދަނގަޑުގެ ބައި އަބުރައި ހޯދުމަށް އަނބު ބޭނުންކުރުން އެހީއަކަށްވާތީ އެވެ.
އަނބު އެންމެ ގިނައިން ހައްދަނީ އިންޑިޔާގައެވެ. ދުނިޔޭގެ އެންމެ ގިނައިން އަނބުހައްދައި އެއިން ވިޔަފާރި ކުރާ 12 ގައުމުގެ ތެރޭގައި އޭޝިޔާގެ 8 ގައުމު ހިމެނެއެވެ. އޭގެ ތެރޭގައި އިންޑިޔާ، ޕާކިސްތާނު، އިންޑޮނޭޝިޔާ، ޗައިނާ، ތައިލޭންޑް، ފިލިޕީންސް އަދި ބަގްލާދޭޝް ފަދަ ގައުމުތައް ހިމެނެއެވެ.
އިންޑިޔާގައި އަހަރަކު 10.8 މިލިއަން ޓަން ގެ އަނބު ހައްދައެވެ. އިންޑިޔާގެ މަހާރާސްތުރާ، އުއްތަރު ޕްރަދޭޝް، އަންދުރަ ޕްރަދޭޝް، އަދި ކަރުނަޓަކާ ފަދަ ސިޓީ ތަކަކީ ނިސްބަތުން އަނބު ހައްދާ މިންވަރު އިތުރު ސިޓީ ތަކެވެ. ބައެއް ސިޓީތަކުގައި ދިރިއުޅޭ ރައްޔިތުންގެ އަސާސީ ކެއުމެއްގެ ގޮތުގައި އަނބު ބޭނުންކޮށް އުޅެއެވެ.
This article uses material from the Wikipedia ދިވެހިބަސް article އަނބު, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.